1. ހަށިގަނޑުގައި އިތުރުވާ ސަރުބީ މެނޭޖްކުރުން
– އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީން ކުރި ދިރާސާ އަކުން ދައްކާގޮތުގައި ހަށިގަނޑުގައި ސަރުބީ ގިނަ އަދަދަކަށް ހުރުމަކީ ލޭމައްޗަށް ދިއުމާއި، ލޭގައި ހުންނަ ފެޓްގެ މިންވަރު އިރުވުމަށް މަގުފަހިވާ ކަމެކެވެ. މިކަން ހައްލުކުރުމަށް ކެއުމުގައި ކެލަރީ ހިމެނޭ މިންވަރު މަދުކުރުމާއި، ކެއުން ކޮންޓްރޯލް ކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން ހިމެނެއެވެ.
2. ކެއުމުގައި ފައިބަރ ހިމެނޭ މިންވަރު އިތުރުކުރުން
– މަޔޯ ކްލިނިކް އިން ފާހަގަ ކުރައްވާ ގޮތުގައި ފައިބާ ހިމެނޭ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ލޭގައި ހިމެނޭ ސަރުބީ މަދުކޮށް ’ބޭޑް ކޮލެސްޓްރޯލް‘ ހަށިގަނޑުން މަދުކޮށްދޭ ކަމެކެވެ. މިގޮތުން ފައިބާ ހިމެނޭ ބާވަތްތަކުގެ ތެރެއިން ބީންސް، އޯޓްސް، ބާރލީ، އާފަލު، ޕިއަރޒް އަދި އެވޮކާޑޯ ފަދަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.
3. ހެނދުނުގެ ނާސްތާއަށް ސަމާލުވުން
– ހެނދުނުގެ ނާސްތާއަކީ ވަރަށް މުހިއްމު ކެއުމުގެ ވަގުތެކެވެ. ނިޔުޓްރިޝަން ހިމެނޭ ހެނދުނުގެ ނާސްތާއެއް ނެންގެވުމަކީ ރަނގަޅު ސިއްޙަތެއްގައި ހުރުމާއި، ބަރުދަން ހެޔޮކުރުމަށް ވަރަށް މުޙިއްމު ކަމެކެވެ. މިގޮތުން ހެނދުނުގެ ނާސްތާގައި ހޯލްގްރެއިން (ދަނޑުވެރިކަމުގެ ބާވަތްތައް) ކަމުގައިވާ އޯޓުމީލް، ސީރިއަލް ފަދަ ބާވަތްތައް ބޭނުންކުރުމާއި، ލީން ޕްރޮޓީން އެކުލެވޭ ބާވަތްތައް ކަމުގައިވާ ނަޓްސް، ޓާކީ ބެކަން، ޕީނަޓް ބަޓަރ އަދި ތަރުކާރީއާއި މޭވާ ހެނދުނުގެ ނާސްތާގައި ބޭނުންކުރެވިދާނެއެވެ.
4. މަސްކެއުން
– އޮމެގާ-3 ހިމެނޭ ބާވަތްތަކަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ގިނަ ބާވަތްތަކުގެ މަސްތައް ކަމުގައިވާ ސަލްމަން، ޓޫނާ، ސާރޑިން ފަދަ މަހަކީ ގިނަ އަދަދަކަށް އޭނާގައި އޮމެގާ-3 ހިމެނޭ ބާވަތްތަކެވެ. ކެއުމުގެ ތެރޭގައި މަހުގެ ބާވަތްތައް މަދުވެގެން ހަފްތާއަކު 2 ފަހަރު ބޭނުންކުރުމަށް އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ލަފާދެއްވައެވެ. ދިވެހިންނަކީ ކެއުމުގެ ހުރިހާ ވަގުތެއްގައިވެސް ގިނަ އަދަކަށް މަހުގެ ބާވަތްތައް ބޭނުންކުރައްވާ ފަރާތްތަކަށް ވާތީ މިމައްސަލަ ދިވެހިންގެ ތެރޭގައި ނުކުން މިންވަރު މަދުވާނެކަމަށް ބެލެވެއެވެ.
5. ކެއުމުގައި ނަޓްސް (ބަދަން) ހިމެނުން
– ކެއުމުގައި އަލްމޮންޑް، ވޯލްނަޓް، ޕީކަންސް ފަދަ ބާވަތްތައް ބޭނުންކުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެކެވެ. އެހެންނަމަވެސް މިބާވަތްތަކަކީ އެހާ ގިނައިން ބޭނުން ނުކުރުމަށް އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ލަފާދެއްވައެވެ. ސަބަބަކީ ބަދަނުގެ ބާވަތްތަކަކީ ސިއްޙަތަށް ފައިދާހުރި ގިނަ ވިޓަމިންސް ހިމެނުނު ކަމުގައިވިޔަސް މީގައި ކެލޮރީ ހިމެނޭ މިންވަރު އިތުވާތީ ބަރުދަން އިތުރުވުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.
6. ލޮނު އެކުލެވޭ ބާވަތްތައް މަދުކުރުން
– ނިޔު އިންގްލެންޓް ޖާނަލް އޮފް މެޑިސިންގ އިން ފާހަގަކުރައްވާ ގޮތުގައި އެމެރިކާގެ އާބާދީގައި ހިމެނޭ އެންމެން ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ކާ ލޮނުގެ މިންވަރުން ސައިސަނބުސަލެއްގެ ލޮނު މަދުކޮށްފިނަމަ ޤައުމުގައި ހިތުގެ ބަލިޖެހޭ މީހުންގެ މިންވަރު ބޮޑުތަނުން މަދުވާނެކަމަށް މި ޖާރނަލްގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ލޮނަކީ ހިތުގެ ބަލިތަކަށް މީހާ ހުށައެޅޭ ވަރަށްބޮޑު ސަބަބެއްކަން މި ރިޕޯޓުން އެނގިގެން ދެއެވެ. މި ރިޕޯޓްގައި ފާހަގަކޮށްފައި އެހެން ކަންކަމަށް ބަލާއިރު އެމެރިކާގައި އެކިބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވުމާއި، ސިއްޙަތަށް ކުރާ ޚަރަދު ބޮޑުވުމުގައި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު އިތުރުވުން ވަރަށް ބޮޑު ދަޢުރެއް އަދާކުރެއެވެ. ތައްޔާރީ ކާނާއާއި، ރެސްޓޯރެންޓްގައި ކައްކާ ކެއްކުންތަކުގައި ގިނަ އަދަދަކަށް ލޮނު އަޅާފައި ހުރެއެވެ.
7. ސެޗުރޭޓެޑް ފެޓް ހަށިގަނޑަށް އެތެރެކުރާ މިންވަރު މަދުކުރުން
– ޖަނަވާރުގެ ކިރާއި މަހާއި، ގަސްގަހާ ގެހީގެ ބާވަތްތަކުން އުފައްދާ (ބަޓަރު، ޗީޒް، ސޮސެޖް، ބާގަރ، ތައްޔާރީ ކާނާ، ކާށިތެޔޮ، ޕާމް އޮއިލް، ކޮކޯ ޕައުޑަރ، ކޭކު، ޕޭސްޓްރީސް، ކުކީސް) އަދި ތެލަކީ ސެޗުރޭޓެޑް ފެޓްސް އެވެ. ދުވާލެއްގެ މައްޗަށް ކާ ކެއުމުގައި 7 އިންސައްތައައް ވުރެ އިތުރު ނުވާ މިންވަރަށް މިބާވަތްތައް ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލިތައް މެދުވެރިވުން ވަރަށްބޮޑަށް ކުޑަކޮށްދޭ ކަމެއްކަމަށް ޔުނައިޓެޑް ސްޓޭޓް ޑިޕާރޓްމަންޓް އޮފް އެގްރިކަލްޗަރ އިން ލަފާދެއްވައެވެ. މީގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ސިއްޙަތުގެ ބާވަތްތައް ކަމުގައިވާ އެވަކާޑޯ، އޮލިވް އޮއިލް އަދި ބިސް ބޭނުންކުރެވިދާނެއެވެ.
8. ސައި ބުއިން
– ސައިތައްޓެއް ބޯލުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. މިގޮތުން އާދައިގެ ސައި، ނުވަތަ ގްރީން ސައިވެސް ބޭނުންކުރެވިދާނެއެވެ. ޖާނަލް އޮފް އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ފާހަގަ ކުރައްވާ ގޮތުގައި ދުވާލެއްގެ މައްޗަށް 1 އާއި 3 އާއި ދެމެދުގެ އަދަކަށް ސައިތައްޓެއް ބުއިމަކީ ހިތުގެ ބަލިތައް ކުޑަކޮށްދޭ ކަމެކެވެ.
9. ޑާރކް ޗޮކްލެޓް ކެއުން
– ޑާރކް ޗޮކްލެޓަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ ’ފްލެވަނޮއިޑްސް‘ ހުންނަ ބާވަތެކެވެ. ޑާރކް ޗޮކުލެޓަކީ ދިވެހިންގެ ތެރޭގައި ލޯބީގެ ގުޅުންތައް ބަދަހިކުރުމަށް ހަދިޔާ ބަދިޔާގެ ގޮތުގައި ޒުވާނުންގެ މެދުގައި ވަރަށް ޢާއްމު އެއްޗެކެވެ. މިކަމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ލޯބި އިތުރުވެ ގާތްކަންވެސް އިތުރުވެއެވެ. އެހެންކަމުން އެކުވެރިޔަކަށް ޑާރކް ޗޮކްލެޓެއް ދިނުމުން ހިތުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި ލޯބީގެ ދުޅަހެޔޮކަންވެސް އިތުރުވެގެން ދާނެއެވެ. ކަންމިހެން ހުރި އިރު ދިވެހިރާއްޖެއަކީ ވަރީގެ ރެކޯރޑް އޮންނަ ޤައުމަކަށްވާއިރު ފިރިމީހާ އަނބިމީހާއަށް، އަނބިމީހާއަށް ޑާރކް ޗޮކްލެޓެއް ދިނުމުން ރޫޅޭ ކައިވެނީ އަދަދުތައް މަދުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
– އިސްވެ ދެންނެވުނު ކަންކަމުގެ އިތުރުން މި އާޓިކަލް އެހެން ބޭފުޅަކާ ޙިއްސާކޮށްލުމުން މިމަޢުލޫމާތުގެ ފައިދާ އެހެން ބޭފުޅުންނަށްވެސް ކުރާނެއެވެ.


