ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެންމެ ރަނގަޅީ ފެތުންތަ؟ ނޫނީ ދުވުންތަ؟

ބަރުދަން ލުއިކުރުމަށް އެކިފަރާތްތަކުން ތަފާތު ގޮތްތަށް ބޭނުންކުރާއިރު ދިވެހި ރާއްޖޭގެ ބޮޑު ސަރަހައްދަކީ މޫދުކަމަށްވެފައި ދުވުގެ ބަދަލުގައި ފެތުމަކީ ކެލަރީ އެންދުމަށް އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްލުމަކީ މުހިއްމުކަމެއް ކަމުގައި ފެނެއެވެ.

ދުވުމާއި، ފެތުމަކީ ދެކަމުގައިވެސް މީހާގެ ކާރޑިއޯ ރެސްޕިރޭޓަރީ އެންޑިއުރެންސަށް ވަރަށް މުޙިއްމު 2 ގޮތެކެވެ. ފެތުމަކީ ހަށިގަނޑަށް އެންމެ ރައްކާތެރި މުޅި ހަށިގަނޑު މަސްތަކަށް ކަސްރަތު ލިބޭ ގޮތެކެވެ. އެހެންނަމަވެސް ފަތަން ނޭންގޭ ނުވަތަ ފެތުމަށް އެހާ ފަރިތަނޫން މީހެއްނަމަ މިއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. މިޔާއި ޚިލާފަށް ދުވުމަކީ ހަށިގަނޑުގެ ބަރުދަން މީހާގެ ކަކުލާއި، ފައިގެ މަސްތަކަށް ބަރޯސާވާ ކަމެކެވެ. ހަށިގަނޑުން ބަރު މީހެއްނަމަ މިކަންކަމަށް ސަމާލުކަން ނުދީ ދުވާނަމަ ކަކުލު ހުޅާއި، ފައިގެ ހުޅުތައް ހަލާކުވެ ޓެންޑެންސް އަދި ލިގަމަންޓްތައް ހަލާކުވުމުގެ ފުރުޞަތު އޮންނާނެއެވެ. ކަންމިހެން ހުރިނަމަވެސް މިއާޓިކަލްގައި ބަލާލާނީ މި ދެކަމުންކުރެ އެންމެ ރަނގަޅީ ކޮން ކަމެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ދިނުމަށެވެ.

ފެތުމުގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާއިރު، ދުވުމާއި ޚިލާފަށް ފެތުމުގެ ސަބަބުން ހަށިގަނޑުގެ ހުޅުތައް ވަރުގަދަވެ ހުޅުތަކުން ކުރަަންޖެހޭ ހަރަކާތްތަކަށް ފަސޭހަވުމުގެ އިތުރުން އާތުރައިޓީސް (ހުޅުތަކުގައި ރިއްސުން) ހައްލުކުރުމަށް އެހީތެރިވެދެއެވެ. 2016 ގެ ދިރާސާއަކުްން ދައްކާގޮތުގައި ފެތުމުގެ ސަބަބުން ހަށިގަނޑުގެ ހުޅުތައް ގަނޑުވުމާއި، ކަސްރަތު ކުރުމަށް ބޭނުންވާ ހަރަކާތްތަކަށް ހުޅުތައް ތައްޔާރުކޮށްދެއެވެ. މީގެ އިތުރުން ފެތުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އެކިކަހަލަ ކުދިކުދި އިންޖަރީތައް ރިކަވަރ ކުރުމަށް އެހީތެރިވެދެއެވެ. އަދި މައިބަދަައިގެ މަސްތައް ވަރުގަދަކޮށް މައިބަދަ ދުޅަހެޔޮކޮށް ހުރުމަށްވެސް ފެތުން އެހީތެރިވެދެއެވެ. އިސްވެ ދެންނެވުނު ފަދައިން ހަށިގަނޑަށް އެންމެ ރައްކާތެރިކޮށް އެންމެ ބޮޑަށް ހަށިގަނޑުގެ މަސްތަކަށް ކަސްރަތު ލިބުމަށް ފެތުން އެހީތެރިވެދެއެވެ. މޫދުގެ ބަޔޯއެންސީގެ ސަބަބުން ހަށިގަނޑުގެ ހުޅުތަކާއި، މައިބަދަ، ޓެންޑެންސް އަދި ލިގަމަންޓްތަކަށް ކުރާ ބާރު ކުޑަވެގެން ދެއެވެ.

ދުވުމަށް ބަލާއިރު ދުވުމަކީވެސް ހަށިގަނޑުގެ ކެލޮރީސް އެންދުމަށްޓަކައި ވަރަށް މުހިއްމު ކަސްރަތެކެވެ. ހަށިގަނޑުގައި ހުންނަ ފެޓް އެންދުމަށްޓަކައި، މީހާގެ އުމުރާއި، މެޓަބޮލިކް ރޭޓާއި، ކަސްރަތު ކުރާ ބަރުދަނާއި، ނިދާމިންވަރު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރެއެވެ. ހަށިގަނޑުގެ ބަރުދަނާއި، އެހެނިހެން ބަރު އިކުއިޕްމަންޓްގެ އެހީގައި ދުވާއިރު މީހާގެ މަސްތަކުގެ ބާރުދަގަ ކުރެވިދާނެއެވެ. މިސާލަކަށް: އުސްތަނަކަށް އެރުމާއި، ފޭބުމަކީ މީހާގެ ބަރުދަނުގެ އިތުރުން މަސްތަކަށް އިތުރަށް ދެވޭ ލޯޑެކެވެ. މިކަމުގެ ސަބަުބުން މަސްތައް އިތުރަށް ވަރުގަދަ ކުރުމަށް އެހީތެރިވެދެއެވެ. ފެތުމަށްޓަކައި މޫދަށް މީހާ ފަރިތަ ވާންޖެހެއެވެ. މިޔާއި ޚިލާފަށް ދުވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ދެން އުފެދޭ ސުވާލަކީ ދުވުމާއި ފެތުމުގެ ތެރެއިން ތިބޭފުޅުން އިޚްތިޔާރު ކުރައްވާނީ ކޮން ކަމެއްހެޔެވެ؟ މިގޮތުން މިދެކަންތައް އިޚްތިޔާރު ކުރެއްވުމުގެ ކުރީގައި ތިރީގައިވާ ސުވާލުތައް އަމިއްލަ ނަފްސާއި ކުރެވިދާނެއެވެ.

  • ހުޅުތަކުގައި ރިއްސާތަ؟ އާއެކޭ ނަމަ ދުވުމަށްވުރެ ފެތުން ރަނގަޅުވާނެއެވެ. ސަބަބަކީ ދުވުމުގެ ސަބަބުން ހުޅުތަކަށް ކުރާ ބާރުބޮޑުވެ އިތުރަށް ގެއްލުން ވުމުގެ ފުރުޞަތު އޮންނާނެތީއެވެ.
  • މައިބަދައިގެ ނުވަތަ ބުރަކަށީގެ ތިރީ (ލޯވަރ ބެކް ) ގައި ރިއްސާނަމަ ޔަޤީނުންވެސް ދުވުމަށްވުރެ ފެތުން އިޚްތިޔާރުކުރުން ރަނގަޅުވާނެއެވެ.
  • ކޮނޑު ހުޅުގައި ރިއްސާތަ؟ އެހެންކަމަށްވާނަމަ ފެތުމަށްވުރެ ދުވުން އިޚްތިޔާރުކުރުން ރަނގަޅުވާނެއެވެ. ސަބަބަކީ ދުވާއިރު ކޮނޑުގެ ހުޅަށްކުރާ ބާރަށްބުރެ ފަތާއިރު ކޮނޑުހުޅަށް ކުރާ ބާރު ބޮޑުވާނެތީއެވެ. އެހެންކަމުން މިފަދަ މައްސަލައެއް ހުރިނަމަ ހިނގުން ނުވަތަ އަތުގެ ހަރަކާތް ކުޑަވާގޮތަށް ދުވުން އިޚްތިޔާރު ކުރެވިދާނެއެވެ.

ނިންމާލަމުން ފާހަގަކޮށްލަން އޮތީ ދުވުމާއި ފެތުމަކީވެސް ހަށިގަނޑުގެ ޖުމްލަ ފިޓްނަސްއަށް ވަރަށް މުޙިއްމު ދެގޮތްކަމެވެ. ދެގޮތުންވެސް މީހާގެ ކެލޮރީ އެންދުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމަށްބަލާ މީގެ ތެރެއިން ކަސްރަތެއް އިޚްތިޔާރު ކުރެއްވިދާނެއެވެ. ވަކި ގޮތެއް އިޚްތިޔާރު ކުރެއްވުމަށް ވިސްނަވާއިރު މަތީގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ. މިކަމާއި ގުޅިގެން އެއްވެސް ލަފާއެއް ބޭނުންފުޅުވާނަމަ މިކަމުގެ މާހިރުންގެ ލަފާ ހޯދިދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top