މިޓެސްޓަކީ ދުވާލެއްގެ މައްޗަށް ކިހާ މިންވަރެއްގެ ފެން ހަށިގަނޑަށް ބޭނުންވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މިގޮތުން ހަށިގަނޑަށް ފެންބޭނުންވާ ސަބަބުތައް ތިރީގައި އެވަނީއެވެ.
- ޑީހައިޑްރޭޝަން ކުޑަކުރުން: ހަށިގަނޑުގެ އަސާސީ ބޭނުންތައް ކަމުގައިވާ ލޭދައުރުކުރުމާއި، ކުޑަކަމުދާ ނިޒާމާއި، ބޮޑުކަމުދާ ނިޒާމާއި، ހަށިގަނޑުގެ ޓެމްޕަރޭޗަރ ކޮންޓްރޯލް ކުރުމަށް ފެން މުޙިއްމު ދަޢުރެއް އަދާކުރެއެވެ.
- ހަށިގަނޑުގެ ޢާއްމު ދުޅަހެޔޮކަމަށް: ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ތެރެއިން ސިކުނޑީގެ ހަރަކާތްތަކަށް، ހަށިގަނޑުގެ ހަކަތަ ލިއްބައިދިނުން، ކިޑްނީގެ މަސައްކަތަށާއި، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށާއި، ހަމުގެ ދުޅަހެޔޮކަމަށް ފެން ބޭނުންވެއެވެ.
- ފިޒިކަލް ޕާރފޯމަންސް ރަނގަޅުކުރުން: ރާއްޖެފަދަ ހޫނު ޤައުމެއްގައި ކަސްރަތު ކުރައްވާނަމަ ގިނަ އަދަދެއްގެ ފެން ހަށިގަނޑަށް ބޭނުންވެއެވެ.
- މިނޫނަސް ފެނުގެ ސަބަބުން ހަށިގަނޑަށް އެތައް ގިނަގުނަ ފައިދާތަކެއް ލިއްބައިދެއެވެ.

ފެނާއި ހަށިގަނޑާއި ގުޅިފައިވާ މިންވަރު
- ގާތްގަނޑަކަށް ހަށިގަނޑުގެ 60 އިންސައްތައަކީ ފެންކަމުގައިވާއިރު، ކަސްރަތު ކުރައްވާނަމަ ކަސްރަތު ކުރައްވާ މިންވަރަކުން ފެން ހަށިގަނޑަށް ބޭނުންވާނެއެވެ. ނެޝަނަލް އެކަޑަމިކް އޮފް ސައިންސް، އިންޖިނިއަރިންގ އެންޑް މެޑިސިން އިން ލަފާދެއްވާ ގޮތުގައި އަންހެން ބޭފުޅަކުނަމަ 3.7 ލީޓަރ (15 ތައްޓާ ބައި) ، އަދި ފިރިހެން ބޭފުޅެއްނަމަ 2.7 ލީޓަރ (11 ތައްޓާ ބައި) ގެ ފެން ހަށިގަނޑަށް ދުވާލަކަށް ބޭނުންވެއެވެ.
- ތިރީގައިއެވަނީ ހަށިގަނޑުގެ އެކި ގުނަވަންތައް އުފެދުމުގައި ފެން ހިމެނޭ މިންވަރެވެ.
- ހަށިގަނޑުގެ ޖުމްލަ 70 އިންސައްތަ އަކީ ފެނެވެ.
- ސިކުނޑީގެ ސެލްތަކުގެ 85 އިންސައްތައަކީ ފެނެވެ.
- މަސްތަކުގެ 75 އިންސައްތައަކީ ފެނެވެ.
- ކަށީގެ 25 އިންސައްތައަކީ ފެނެވެ.
- ލޭގެ 85 އިންސައްތައަކީ ފެނެވެ.
ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު ވަޒަންކުރުމުގައި މީހާގެ ބަލި ޙާލަތަކީ ވަރަށް ބޮޑަށް ވަޒަން ކުރަންޖެހޭ ކަމެކެވެ. މިގޮތުން މީހާގެ ބަރުދަނާއި، އުމުރާއި، ޖިންސާއި، ކަސްރަތުގެ ތެރޭގައި ހަރަކާތްތެރިވެ އުޅޭ މިންވަރާއި، އެތަނެއްގެ މޫސުމް މިކަންކަމަށް ވަރަށްބޮޑަށް ނުފޫޒު ފޯރުވައެވެ. އެހެންކަމުން ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު ބެލުމަށް އިސްވެ ދެންނެވުނު ޓެސްޓްގެ އިތުރުން ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
ނޯޓު: މި ޓެސްޓް ހެދުމަށްޓަކައި ވެބްސައިޓްގެ މެނޫއަށް ގޮސް > ފިޓްނަސް ވަޒަންކުރުން މިބަޔަށް ދިއުމުން ހަށިގަނޑަށް ފެން ބޭނުންވާ މިންވަރުގެ ޓެސްޓް ހަދާލެވޭނެއެވެ.

