ބަރުދަން ލުއިކުރުމަށް ބޭސް ބޭނުންކުރުން – ރައްކާތެރިތަ؟

ބަރުދަން ލުއިކުރުމަށް އެކިމީހުން އެކިކަހަލަ ކަންކަން ކުރާއިރު މިކަންކުރާ މީހުންގެ މެދުގައި ކުރެވުނު ދިރާސާއެއް މިފަހަރު ހިމަނާލަން ޤަޞްތު ކުރަމެވެ.

މަޝްހޫރު ޖާރނަލްއެއް ކަމުގައިވާ ’ނޭޗަރ މެޑިސިންގ‘ ގައި ފާހަގަ ކުރައްވާ ގޮތުގައި މި ދިރާސާއަކީ ވޮޝިންޓަން ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގެ ފަރާތުން ކަމާއިގުޅުންހުރި ޑޮކްޓަރުންގެ އެހީގައި ހެދުނު ދިރާސާއެކެވެ. މިދިރާސާ 2025 ވަނަ އަހަރުގެ ކުރީކޮޅު ޕަބްލިޝްކުރެވުނެވެ.

އެމެރިކާގައި ހެދިފައިވާ މިދިރާސާގައި 2 މިލިޔަނަކަށްވުރެ ގިނަ މީހުންގެ ސިއްޙީ ޙާލަތު 3 އަހަރާ 6 މަސް ވަންދެން ބެލެވިފައިވެއެވެ. މި މީހުން ބަރުދަން ލުއިކުރުމަށް މައިގަނޑުގޮތެއްގައި ބޭނުންކޮށްފައިވަނީ ބަރުދަން ލުއިކުރާ އިންޖެކްޝަނެއް ކަމުގައިވާ ’އޮޒެމްބިކް’، ވެގޮވީ، މައުންޖާރޯ އެވެ. މީގެ ތެރެއިން 30 އިންސައްތަ މީހުންނަށް މިމުއްދަތުގައި މޭނުބައިވެ ހޮޑުލެވުން ފަދަ ކަންކަން ދިމާވެފައިވެއެވެ. އަދި މީގެ 11 އިންސައްތަ މީހުންނަށް ކަށިފީވުމާއި، ބޮލުގައި ރިއްސުމާއި، ނިދަން އުނދަގޫވުންފަދަ ކަންކަން ދިމާވެފައިވެއެވެ.

މީގެ އިތުރުން އެހެނިހެން ސީރިއަސް މައްސަލަތުގެ ތެރޭގައި ހިމެނޭ ޗިސްމޭ (ޕެންކްރިއަސް) ހަލާކުވުމާއި، ކިޑްނީގައި ހިލަ އުފެދުން ފަދަ ކަންކަން މެދުވެރިވެފައިވެއެވެ. އަދި ބްލަޑް ޕްރެޝަރ ދަށްވުމާއި، ފެއިންޓްވުމާއި، މަސްތަކާއި ކަށިތައް ގުޅުވައިދޭ ޓޭންޑެންސް ހަލާކުވުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވެއެވެ.

މެޑިސިންގ އެންޑް ހެލްތު ކެއަރ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެތޯރިޓީ (އެމް.އެޗް.އާރު.އޭ) އިން ފާހަގަ ކުރައްވާގޮތުގައި ބަރުދަން ލުއިކުރަން ބޭސްބޭނުންކޮށްގެން އެކަމުގެ ސަބަބުން ކުއްލިޔަކަށް ސިއްހީ ޙާލަތު ދަށްވެ ގާތްގަނޑަކަށް 400 އަށްވުރެ ގިނަ މީހުން މިމުއްދަތުގައި ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެވިފައިވެއެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު ބަރުދަން ލުއިކުރުމަށްޓަކައި ބޭސް، އިންޖެކްޝަން ފަދަ ތަކެތި ބޭނުންކުރުމަކީ މިކަމުގެ ސަބަބުން ނުހަނު ގެއްލުން ލިބޭ ކަމެއްކަމަށް ދިރާސާތަކުން ފާހަގަ ކުރެވޭއިރު މިމަގު އިޚްތިޔާރު ކުރުމަކީ އެހާ ރައްކާތެރިގޮތެއް ނޫނެވެ. މީގެ ބަދަލުގައި ރަނގަޅު ކާނާއާއި، ކަސްރަތު އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެސްގެ މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top